ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ރައްޔިތުން ކުރި ފުރިހަމަ ތާއީދާ އެކު ދެން ފެންނާނީ އަމަލީ ގޮތުން ކަންކަން ކުރާ ތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހީންގެ ރާއްޖެ މަޖިލީހަށް ނަމުގައި ޕީއެންސީން ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މި ގައުމުގެ ކުރިމަގު ވަރަށް އުޖާލާކަން މިއަދު ޔަގީންކުރެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ ނުބައި މިސްރާބަކުން ދަނިކޮށް ރަނގަޅު ހެޔޮ މިސްރާބަށް ދިވެހިރައްޔިތުންގެ ބުރަ މަސައްކަތުން މިދިޔަ ރިޔާސީ އިންތިހާބުގައި ގެނެސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ފަޚުރުވެރި ދިވެހި ގައުމެއް ދިވެހި ގައުމަކީ ފަޚުރުވެރި ގައުމެއް އަޅުގަނޑުމެންނަކީ މިނިވަން ކަމަށް ލޯބިކުރާ ބައެއްކަން ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ،" ރައީސް ވިދާޅުވިއެވެ.
ދިވެހިން ބޭނުންވަނީ ރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމަން ކަމާއި ދިވެހިންނަށް މުހިންމީ ދިވެހިންގެ ކަންކަމަށް ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންގެ އެތެރޭގައި ތިބި އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ވަރަށް ސާފުވެވަޑައިގަންނަވާނެ. އެހެންވީމަ އަޅުގަނޑު އެދެނީ މިހާރު ޚިޔާލު ތަފާތު ދޫކޮށްލައްވަން، އިންތިޚާބު ނިމުނީމަ،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެން ތިއްބަވަންޖެހޭނީ 24 ގަޑިއިރު ހޭލައޭ. ސީރިއަސްކޮށް މި ދަންނަވަނީ. އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެން ފެންނާނީ ސަރުކާރުގެ އިސްވެރިން ނުނިދާ ތިބެ، އަމަލީ ގޮތުން ކަން ކަން ކުރާ ތަނެވެ.
ގެދޮވެރިކަމުގެ ދަތިކަން ފަދަ ޒަމާންވީ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ޒަމާނުއްސުރެ ރައްޔިތުންނަށް ނުފުދިފައި ތިބި ހުރިހާ ކަމެއް ވާ ތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.



