ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ބައެއް އެކުވެރިން ހުކުރު ދުވަހުގެ ރޭ ބަންކަރެއްގައި ހިމާޔަތް ހޯދި ކަމަށް ޒަޔަނިސްޓް އެކި މީޑިއާތަކުން ބުނެފި އެވެ. މިއީ ޖުލައި 31 ވަނަ ދުވަހު ތެހެރާނުގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައި ކުރެއްވި ކަމެއް ކަމަށް ޒަޔަންސްޓް މީޑިއާ ތަކުން ބުނެއެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި ހިފާފައިވާ ސަރަހައްދުތަކުގެ ގިނަ ރައްޔިތުން ހުކުރުދުވަހުގެ މުޅި ރޭ ހޭލާ ނުވަތަ ހިޔާވަހިކަން ހޯދައިގެން ތިއްބެވެ.

ހަނިއްޔާ ޝަހީދުކޮށްލުމާއި، ބެއިރޫތުގައި ހިޒްބުاللهގެ ކޮމާންޑަރު ފުއާދު ޝުކުރު ޝަހީދުކޮށްލުމުން، ޒަޔަނިސްޓް ވެރިކަމުގެ ތެރޭގައި ހިމެނޭ ހުރިހާ ސަލާމަތީ ބާރުތަކެއް ވަނީ ހައި އެލާޓަށް ގެނެސްފައިކަން ފާޙަގަ ކުރެވެއެވެ. ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑެއް ޝަހީދުކޮށްލީ އީރާނުގެ ވެރިރަށް ތެހެރާނުގައި އެމީހުންގެ ގެކޮޅުގައި ކަމަށްވާއިރު، މިއީ ޒަޔަނިސްޓް ވެރިކަމަށް ނިސްބަތްކުރާ އަމަލެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ މިހާތަނަށް ނަތަންޔާހޫ ދެކޮޅު ހައްދަވާފައިވާ ކަމެއްވެސް ނޫނެވެ.