ރައީސް ޔާމީނުގެ އެކައުންޓުގަ މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ އެބަހުރި ކަމަށް ޑރ. ޖަމީލު އާއި މަލީހު ބުނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސްގެ ހަރުގެ ޖަލްސާގައެވެ.
ފަލާހު ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުގައި މީގެކުރިން ހުރި ފައިސާތަކާއި މެދުގައިވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ.
"އިލެކްޝަނުގެ ގަވާއިދުގަ ބުނާ ގޮތުގަ ކެމްޕޭނަށް ދޭ ފައިސާތައް ހުންނަން ވާނީ އެޕާޓީއެއްގެ އެކައުންޓުގަ. އެއީކީ އެޕާޓީގަ ހުންނަ ވެރިއެއްގެ އެކައުންޓުގަ ހުންނަންޖެހޭ ފައިސާއެއް ނޫން. އަނެއްކާ މިވާގޮތަކީ މި އެކައުންޓުތަކަކީ ހަމައެކަނި ޑިޕޮސިޓް ކުރެވޭ އެކައުންޓުތަކެއް... މަދެެއް ނުވޭ މިއަކުން އެއްޗެއް. ހައްތާހާ ވަނީ ގިނަ... އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީނުގެ އެކައުންޓުގަ އެބަހުރި މި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާވަރަށް ފައިސާ. މިވެސް އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫން. މިވާހަކަވެސް ދައްކަވަނީ ޖަމީލުމެން ، މަލީހުމެން."
ޕީޖީ ލީޑަރު މިހެން ވިދާޅުވިއިރު، ރައީސް ޔާމީނަށް އެހާ ގިނަ އަދަދަކަށް ފައިސާ ލިބެންޖެހޭ ސަބަބެއް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ. ޔާމީނު ކުރައްވާ ވިޔަފާރިއަކީ ކޮބައި ކަމެއްވެސް ނޭނގެއެވެ. ތުންތުންމަތިން އަބަދުވެސް ޔާމީނުގެ "ކަޅު" ވިޔަފާރީގެ ވާހަކަތައް ގައުމުގައި ދައްކާއިރު މިހާތަނަށް ޔާމީނުގެ މައްޗަށް އެބާވަތުގެ މައްސަލައެއްގައި ދައުވާ ކުރީ ވެރިކަމުން ފޭބި ފަހުންނެވެ.



