
މައްސަލަ ބޮޑުވެފައިވާ އައްޑޫގެ ކަރަންޓު ހައްލުކުރުމަށް 1600 ކވގެ ޖެންސެޓެއް ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކަ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޯޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މެދުދާއިރާގެ އެސިޓީގެ މެމްބަރު އަޒާން ވަނީ ހުސްވި ހަފްތާގައި ރައީސްއަށް ރިޕޯޓެއްވެސް އަރުއްވާފައެވެ.
އައްޑޫ ސިޓީގައި މިހާރު ދިމާވެފައިވާ ކަރަންޓް ކެޕޭސިޓީގެ ގޮންޖެހުންތަކާ ގުޅިގެން ޗައިނާގެ ކުންފުންޏަކާ އެކު 31 މެގަވޮޓްގެ ކެޕޭސިޓީގެ އާ އިންޖީނުގެއެއް އެޅުމަށް ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. މިއީ ކަރަންޓް ޑެފިސިޓަށް ދިގުމުއްދަތަކަށް ހައްލެއް ހޯދައިދީ މުސްތަޤްބަލަށް ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުމަށް ރައީސުލުޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޕްލޭނުގެ ތެރެއިން ކުރިޔަށް އެޅި ފިޔަވަޅެކެވެ.



