މުބާރާތް ބާއްވާ ފްރާންސުން ލިޔޯން ސްޓޭޑިއަމްގައި އިތުރު ވަގުތުގައި ޖެހި 2 ގޯލާއެކު 3-1އިން މިސްރު އަތުން މޮޅުވެ 40 އަހަރަށް ފަހު އޮލިމްޕިކް ފިރިހެން ފުޓްބޯޅައިގެ ފައިނަލަށް ދަތުރު ކޯށްފިއެވެ.
އޮލިމްޕިކް ފުޓުބޯޅައިގެ ރަން މެޑަލް ހޯދުމަށް ފުރާންސު ނުކުންނަން ޖެހޭނީ އަވަށްޓެރި ސްޕެއިންއާ ދެކޮޅަށެވެ.
ޓީމު 40 އަހަރަށްފަހު ފައިނަލަށް ދިޔުމުން ކޯޗު ތިއޮރީ ހެންރީ ބުނީ މިސްރާއި އެކު ކުޅުނީ އުނދަގޫ މެޗެއް ކަމަށާ ޓީމު ކުރިޔަށް ކޮއްޕައިގެން ކުޅުންތެރިން ކުރި ހިއްވަރަށް އެމީހުންނަށް ޝުކުރު ހައްގުވާ ކަމަށެވެ.
ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް މިސްރުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ މަހުމޫދު ސާބިރް އެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ކްރިސްޓަލް ޕެލަސްގެ ފޯވާޑް، ޖީން-ފިލިޕް މަޓޭޓާ އެވެ.
މެޗުގެ 90 މިނެޓުގެ ކުޅުމަށްފަހު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ކޮންމެ ހާފެއްގައި ފްރާންސުން ވަނީ ލަނޑެއްޖަހައިފައެވެ. އެގޮތުން، މި މެޗުގައި ފްރާންސުން ފުރަތަމަ ފަހަރަށް ލީޑްނެގި 99 ވަނަ މިނެޓުގައި މަޓޭޓާ ބޮލުން ވައްދާލި ލަނޑުންނެވެ. އޭގެފަހުން، އިތުރުވަގުތުގެ ފަހު ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ އޮލީސޭ އެވެ.
ރިހި މެޑަލް ހޯދުމަށް މިސްރު އަންނަ ބުރާސްފަތި ދުވަހު ނަންޓޭސްގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.



