އެތުލެޓިކޯ މެޑްރިޑުން މެންޗެސްޓާ ސިޓީގެ ފޯވާޑް ޖޫލިއަން އަލްވާރޭޒް ގެނައުމަށް 81.5 މިލިއަން ޕައުންޑްގެ ރެކޯޑް އަގަކާއެކު އެއްބަސްވެއްޖެ އެވެ.
ޓްރާންސްފާ ފީގައި ހިމެނެނީ ފުރަތަމަ 64.4 މިލިއަން ޕައުންޑް (75 މިލިއަން ޔޫރޯ) އާއި އިތުރު 17.1 މިލިއަން ޕައުންޑް (20 މިލިއަން ޔޫރޯ) ގެ ޕޮޓެންޝަލް އެޑްއޮންސް އެވެ. މިއީ މެންޗެސްޓާ ސިޓީން މީގެ ކުރިން 2022 ވަނަ އަހަރު ޗެލްސީއަށް ރަހީމް ސްޓާލިން ވިއްކި ރެކޯޑް އަދަދަށް ވުރެ ބޮޑު އަދަދެކެވެ.
ކުރިއަށް އޮތް ސީޒަނަށް އުމުރުން 24 އަހަރުގެ ފޯވާޑް ހިފެހެއްޓޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޮގަސްޓް މަހުގެ ކުރީކޮޅު ބުނެފަ އެވެ.
އާޖެންޓީނާގެ ފޯވާޑް 2022 ވަނަ އަހަރު ރިވާ ޕްލޭޓުން މެންޗެސްޓާ ސިޓީއާ ގުޅުނީ 14.1 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ 106 މެޗުގައި 36 ގޯލް ޖަހައިފަ އެވެ. ސިޓީގެ ޓްރެބަލް ކާމިޔާބުކުރި ސީޒަނާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރި މެޗުގައި ވެސް އަލްވާރޭޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މީގެ އިތުރުން އެތުލެޓިކޯ މެޑްރިޑުން ދަނީ ޗެލްސީގެ މިޑްފީލްޑަރު ކޮނޯ ގަލަގާ ހޯދުމަށް ވެސް އެއްބަސްވުމެއް ފައިނަލްކުރަމުންނެވެ.



