2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު އެމްޑީޕީއަށް ލަދުވެތި ބައްޔަކާއި ކުރިމަތިލާންޖެހުނު ދެވަނަ އިންތިޚާބުކަމަށްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމްތަތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް ވަނީ ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބު ހޯދި ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވަމުން އެމަނިކުފާނު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރައީސް ޑރ. މުއިއްޒުގެ ޙިކުމަތްތެރި ވިސްނުންފުޅާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހޯދި ފުރިހަމަ ކާމިޔާބީއަށް އެންމެހާ ކެންޑިޑޭޓުންނަށާއި ވޯޓު ދެއްވި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހޫނު މަރުޙަބާއަކާއި ޝުކުރެއް ދަންނަވާ ކަމަށެވެ.މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެއް ވަނީ ކާމިޔާބު ކުރެވިފައިވާއިރު ބާކީ ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއް އަދި އެމްޑީއޭގެ ދެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކުރައްވާފައެވެ.


