ގިނަ ދުވަސްތަކެއް ވަންދެން މަސް ނުބާނައި ހުރުމަށްފަހު ، ރާއްޖެއަށް މަސްވެރިކަން ރަނގަޅު ވެއްޖެ ކަމަށް މިފްކޯއިން ބުނެފިއެވެ.
އެކުންފުނިން ބުނީ ފާއިތުވީ ދެދުވަހުގެ ތެރޭގައި 47 ޓަނުގެ މަސް އެ ކުންފުންޏަށް މަސްވެރިންގެ އަތުން ލިބިފައިވާ ކަމަށާއި މިއީ މުޅި ރާއްޖޭގައި މަސްވެރިކަން ދަށަށް ދިޔަ ދުވަސްވަރަކަށް ފަހު ލިބުނު ހެޔޮ ބަދަލެކެވެ.
މަސްވެރިކަން ކުރިއަރާފައިވާކަން ފާހަގަކުރެވިފައިވަނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކުން ކަމަށާއި، އެތަންތަނުން މަސް ބާނާ މިންވަރު ފާހަގަކޮށްލެވޭ ގޮތުގައި އިތުރުވެފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.
އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެކަނިވެސް މިފްކޯއިން 27 ޓަނުގެ މަސް ހޯދާފައިވާއިރު، މަސްވެރިކަމުގެ ހަރަކާތުގައި މިދުވަސްވަރު އެންމެ ރަނގަޅު ކަމަށް ފެންނަނީ މ. އަތޮޅުގެ ސަރަހައްދެވެ.
މިފްކޯގެ ދެ އުޅަނދެއް ކަމަށްވާ މަހާކަލަމިންޖާ އާއި ރަންދީ މި ކަނޑުގެ ހާލަތު ރަނގަޅުވުމުގެ ސަބަބުން މިހާރު ދަނީ މި ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުކުރަމުންނެވެ. މަހާކަލަމިންޖާގައި ދުވާލަކު 60 އާއި 80 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް އޮންނައިރު، ރަންދީގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 27.5 ޓަނެވެ.



