ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ ގޮލަމް ސަރުވާރު ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އާއި ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބުމުން އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި، ސާކްގެ މެމްބަރު ގައުމުތަކަށް ފައިދާވާ ގޮތަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ އޯވަރވިއުއެއް ދެއްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސާކް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވައުދު ދެމިއޮތްކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ސެކްރެޓަރީ ޖެނެރަލް ސަރްވާރުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި ވިޔަފާރީގައި ސަރަހައްދީ އެއްބާރުލުން އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސެކްރެޓަރީ ޖެނެރަލް ސަރްވާރު ދެއްކެވި ވާހަކަފުޅުގައި 1985 ވަނަ އަހަރު ސާކް އުފެދުނު ފަހުން ދިވެހިރާއްޖެ އިން ކުރައްވާ އަގުހުރި މަސައްކަތްތަކާއި ދެއްވާ ކޮންޓްރިބިއުޝަނަށް އަލިއަޅުވާލައްވައި، އެ ޖަމިއްޔާގެ ތަރައްގީއަށް ކޮށްފައިވާ މުހިންމު ޙިއްޞާތައް ފާހަގަކުރެއްވި އެވެ.



