އޮލިމްޕިކްސް ފުޓްބޯޅަ 2024 ސެމީ ފައިނަލްގައި މޮރޯކޯ ބަލިކޮށް ސްޕެއިންއިން ފައިނަލުގެ ޖާގަ ހޯދައިފިއެވެ. މާސޭގެ އޮރެންޖް ވެލޯޑްރޯމް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ސްޕެއިން އިން ކާމިޔާބުކޮއްފައިވަނީ 2-1 އެއްގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މޮރޯކޯއިންނެވެ. ފުރަތަމަ ހާފުގައި ލިބުން ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސުފިޔާނޭ ރަހީމީއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ މޮރޯކޯ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ސްޕެއިންއިން ވަނީ ރަނގަޅު ކުޅުމެއް ކުޅެ 66 ވަނަ މިނުޓުގައި ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮއްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮއްދީފައިވަނީ އުމުރުން 21 އަހަރުގެ ޒުވާން މިޑްފީލްޑަރ ފާމިން ލޮޕޭޒް އެވެ. މެޗުގެ 85 ވަނަ މިނުޓުގައި ސްޕައިންގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުއަންލޫ ސަންޗޭޒްއެވެ.

މިއީ ވިދިވިދިގެން ސްޕެއިން އޮލިމްޕިކްސްގައި ކުޅޭނެ ދެވަނަ ފައިނަލެވެ. ހުކުރު ދުވަހުގެ ރޭ 21:00 ގައި ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި އޮންނަ ފައިނަލް މެޗުގައި ސްޕެއިން ބައްދަލު ކުރާނީ ސެމީ ފައިނަލްގެ ދެވަނަ މެޗު މިސްރާއި ވާދަކޮށް ކުރި ހޯދި ފްރާންސާއި ދެކޮޅަށެވެ.



