އިނގިރޭސީ ވިލާތަށް އުފަން ރައްޔިތަކު ސައުތުޕޯޓްގައި ވަޅިން ހަމަލާދީ ކުޑަކުދިންތަކެއް މަރާލުމަށްފަހު، އެއީ މުސްލިމުން ޒިންމާ ނަގަން ޖެހޭ ކަމެއް ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރުމާއި ގުޅިގެން މުޅި އިނގިރޭސިވިލާތުގެ މުސްލިމުންނަށް ބިރުވެރިކަން ނޫސްތަކުން ބުނެއެވެ.
މިހާރު ހިނގަމުންދާ މި ހަމަނުޖެހުންތައް ވަނީ ލަންޑަން، ލިވަޕޫލް، މެންޗެސްޓާ، ސަންޑަލޭންޑް، ބެލްފާސްޓް، އަދި ހަލް ފަދަ ސިޓީތަކަށް ފެތުރިފައެވެ.
މި ހަމަނުޖެހުންތައް ފެށިގެން އައީ ސައުތުޕޯޓްގައި ޓޭލާ ސްވިފްޓް ތީމްގެ ޑާންސް ކްލާހެއްގައި ތިން ކުއްޖަކު ވަޅިން ހަމަލާދީ މަރާލުމާއި އިތުރު އަށް މީހަކު ޒަހަމްކޮށްލުމުންނެވެ. މި ހަމަލާ ދިނީ އުމުރުން 17 އަހަރުގެ އެކްސެލް ރުޑަކުބާނާ ކިޔާ އިނިގރޭސީ ވިލާތުގެ ކުރިސްޓިއަނެކެވެ. ނަމަވެސް އެއީ އެހެން ގައުމަކުން އިގިރޭސިވިލާތަށް ހިޖުރަ ކޮށްގެން އުޅޭ މުސްލިމެއް ކަމަށް ބުނެ ދޮގު ވާހަކަތައް ފެތުރުމުން މުސްލިމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.
އެތައް ސިޓީއަކުން އަނިޔާވެރި މަންޒަރުތައް ފެންނައިރު، އޭޝިއާ އާއި ކަޅު ނަސްލުގެ މީހުންނަށް ހާއްސަކޮށް ހަމަލާތައް ދެމުން އެބަ ދެއެވެ. އިނގިރޭސި ދޮން މީހުން ހަލްގައި އޭޝިއާގެ މީހުންނަށް ޓާގެޓްކޮށް ހަމަލާދިންއިރު، މެންޗެސްޓާގައި ކަޅު ނަސްލުގެ މީހުންނަށް ޓާގެޓްކޮށްގެން ހަމަލާތައް ދެމުން އަންނަނީ ޔޫރަޕްގެ ދޮން މީހުން މޫނު ނިވާކޮށްގެންނެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި މެންޗެސްޓާގެ ސުޕަމާކެޓެއްގައި ލޫޓުވާލުމާއި މިސްކިތަތަކަށް ގެއްލުންދިނުމުގައި އިނގިރޭސި ރައްޔިތުން އުޅުނެވެ. އަދި މުސްލިމެއް ކަމަށް ހީވާ ބޭރުމީހެއް ފެންނަ އިރަށް ހަމަލާ ދެމުންދާ ކަމަށްވެސް މުސްލިމުންތައް ސޯޝަލްމީޑިއާގައި ހިތްދަތި ޝުއޫރު ފާޅުކުރަމުން ދެއެވެ.
އެކަމުގެ ރައްދުގެ ގޮތުން މުސްލިމް ޖަމާއަތްތަކުން ވަނީ ފިތުނަތައް ބޮޑުވި ނަމަވެސް، މިސްކިތްތައް ދިފާއުކޮށް ފުލުހުންނަށް ތާއީދުކޮށްފަ އެވެ. ބޮޑުވަޒީރު ކޭއާ ސްޓާމަރ ވަނީ ހަމަނުޖެހުންތައް ކުށްވެރިކުރައްވައި، އެކަން ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާގެ ވެރިކަމުގައި މުސްލިމް އިސްވެރިންނާ ގުޅިގެން މަސައްކަތް ނުކުރާތީ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.



