ބޮޑެތި އަދަދުތަކުން ނުދައްކާ ހުރި ޓެކްސް ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތުގައި ދަރަނިވެރިންނާ ބައްދަލުކޮށް ފައިސާ ދެއްކުމުގެ ޕްލޭންތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު، މީރާއިން ވަރުގަދަ ކޮށްފިއެވެ.
ޖޫރިމަނާ ހިމެނޭ ގޮތަށް ޓެކްސްގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވާތީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކާ ގުޅިގެން ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާކަމަށެވެ. ޒަރީރު ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ދުވަސްވަރު މި އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، ދައްކަންޖެހޭ ފައިސާގެ ބައެއް ފަސް އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
"އެންމެ ބޮޑެތި އަދަދުތަކެއް އެކިއުމަލޭޓްވެފައި ވަނީ ކޯވިޑްގެ ތެރޭގައި. ގާތްގަނޑަކަށް 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 800 މިލިޔަން ރުފިޔާ އެބައުޅޭ." ޒަރީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ބޮޑެތި ޑިއުސްތައް ހުރި ހުރިހާ ޓެކްސް ދައްކާ ފަރާތްތަކާ ބައްދަލުކުރަމުން. ބައްދަލުކޮށް އެ ފަރާތްތައް އަޅުގަނޑުމެންގެ ސިސްޓަމް ތެރެއަށް ގެނެސް، ޓެކްސް ދެއްކުމުގެ ޕްލޭނަކަށްވަދެ، އަދި ކުރިއަށްހުރި ޓެކްސްތައް ގަވާއިދުން ދައްކާނެކަމުގެ ކޮމިޓްމަންޓް، އެޝުއަރެންސް އަޅުގަނޑުމެން މި ހޯދަނީ އެތަންތަނުގެ އެންމެ އިސްވެރިން ގެނެސްގެން. މިއާއެކު އަޅުގަނޑުމެންނަށް ވަރަށް ޕޮޒިޓިވްކޮށް މިދިޔަ މަހު މީރާގެ ކަލެކްޝަންވެސް ފެނިގެންދިޔައީ." ދައުލަތުގެ މީޑިއާގައި ޒަރީރު ވިދާޅުވި އެވެ.
ޓެކްސް ނުދައްކާ ފަރާތްތަކަށް އިތުރު ފިޔަވަޅުތައް އަޅާއިރު މިހާރުވެސް ޓެކުހާއި އެކިއެކި ޖޫރިމަނާގެ ގޮތުގައި 15 ބިލިޔަނެއްހާ ރުފިޔާ މީރާއަށް ނުލިބި އެބަހުއްޓެވެ. މި ފައިސާ ހޯދުމަށް އެކި ފަންތީގައި މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ކޯޓަށް ގޮސްގެން ހޯދަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ރައީސް ޑރ،މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



