ބަންގްލަދޭޝަށް މިނިވަންކަން ހޯދައިދިން މީހުންނާއި ގުޅިފައިވާ އަައިލާތަކުގެ މީހުންނަށް ސަރުކާރުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަޒީފާ ލާޒިމް ކުރާ ގޮތަށް ގާނޫނަށްް ގެންނަން އުޅުނު ބަދަލާއި ދެކޮޅަށް ޔުނިވާސިޓީ ކުދިން ހިންގި ހަމަނުޖެހުންތަކުގައި އެކަނި 98 މީހުން މަރުވިއިރު އޭގެތެރެއިން 55 މީހެއްގެ އައިޑެންޓިޓީ ދެނެ ނުގަނެވޭ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ތަޅާފޮޅުމާއި ބަޑިޖެހުމާއި އަލިފާން ރޯކުރުމުގެ ހާދިސާތަކުގައި މަރުވި 98 މީހުންގެ ތެރޭގައި ސިރާޖްގަންޖްގައި 13 ފުލުހުން، ވެރިރަށް 11 މީހުން، ފެނީގައި 8 މީހުން، ލަކްޝްމީޕޫރުގައި 8 މީހުން، ނަރުސިންގޑީގައި 6 މީހުން، ކިޝޯރެގަންޖްގައި 5 މީހުން، ބޮގްރާގައި 5 މީހުން، ސިލެޓްގައި 5 މީހުން، މަގޫރާގައި 4 މީހުން ހިމެނޭ ގޮތަށް 22 މީހުން، ރަންގްޕޫރުން 4 މީހުން، މުންޝިގަންޖް، ޕަބްނާ އިން 3 މީހުން، ކޮމިލާގައި ފުލުހަކު ހިމެނޭ ގޮތަށް 3 މީހުން، ޝެރްޕޫރުން 2 މީހުން އަދި ޖައިޕޫރުހަތުން 2 މީހަކު މަރާލާފައިވެ އެވެ.
މީގެ އިތުރުން ބޮލާ، ހަބީގަންޖް، ކެރަނިގަންޖް، ސަވާރު، ކޮކްސް ބާޒާރު، ބަރިސަލް އަދި ގާޒީޕޫރުގެ ސްރީޕޫރުގައި އެކަކު ވަނީ މަރުވެފަ އެވެ.
މަރުވި މީހުންގެ އަދަދު އެނގުނީ ފުލުހުންނާއި ހޮސްޕިޓަލާއި އަަންމުންގެ ފަރާތުން ލިބުނު މައުލޫމާތު ތަކުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި މަރުވި 98 މީހުންގެ ތެރެއިން 43 މީހެއްގެ ތަފްސީލީ ނަމާއި އައިޑެންޓިޓީ އެނގިފައިވެ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އަވާމީ ލީގާއި އެއާ ގުޅުންހުރި ޖަމިއްޔާތަކުގެ 18 މީހުންނާއި ފުލުހުންގެ 14 މީހުންނާއި 9 ދަރިވަރަކާއި 1 ނޫސްވެރިއަކާއި ބީއެންޕީގެ އެކަކު ހިމެނެއެވެ.



