އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ބަންގްލަދޭޝްގެ ސިޔާސީ އެއްވެސް ކަމެއްގެ ތެރެއަށް ދެން ދުވަހަކުވެސް ވަދެވަޑައިނުގަންނަވާނެ ކަމަށާއި ގައުމު ދޫކޮށް ފުރާ ވަޑައިގެންނެވީ ފުރާނަފުޅަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދަރިކަލުން އަދި ކުރީގެ އެޑްވައިޒަރު ޖޯއީ ބުނެފިއެވެ.
ހަސީނާ ގައުމު ދޫކޮށް ވަޑައިގެންނެވިއިރު އޭނާ ދިރިއުޅުއްވާ ގެކޮޅާއި ދިމާލަށް މިލިއަނަކަށްވުރެ ގިނަ މީހުން މިސްރާބު ޖަހާފައި ހުއްޓެވެ. ހަސީނާ ގޭގައި ވަޑައިގެންނޫޅުއްވާ ކަމެއް މުޒާހަރާގެ ބައިވެރިންނަކަށް އޭރަކު ނޭނގެއެވެ. އެމީހުންގެ ތެރެއިން ގިނަބަޔަކު ހަސީނާގެ ގެކޮލަށް ވަދެ ތަކެއްޗަށް ގެއްލުންދީ އަތު ޖެހުނު އެއްޗެއް ހިފައިގެން ދިޔައިރު ބައެއް މީހުން ހަސީނާގެ ކޮޓަރިކޮޅަށް ވަދެ އެނދުމައްޗަށް އަރައި ފޮޓޯނަގައި ހެދިއެވެ.
ޖޯއީއާއި ހަވާލާދީ ބީބީސީން ބުނީ ހަސީނާ އިސްތިއުފާ ދެއްވުމަށް އާދީއްތަ ދުވަހުން ފެށިގެން ނިންމަވާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އާއިލާގެ މީހުން ދެއްވި ލަފަޔާއި އިރުޝާދުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަސީނާ ބަންގްލަދޭޝްގެ ވެރިކަމާއި ހަވާލުވިއިރު އެގައުމަކީ އިންތިހާއަށް ހަސީނާއަށް ބޭނުންވެފައިވާ ގައުމެއް ކަމަށާއި ހަސީނާގެ ވެރިކަމުގައި ގައުމަށް ބޮޑެތި ކުރިއެރުން ގެނެސްދެއްވިކަން ޖޯއީ ފާހަގަ ކުރެއްވިއެވެ.
ހަސީނާ ސިޔާސީ ހިމާޔަތް ހޯއްދަވާނީ ލަންޑަނުން ކަމަށް ހަބަރުތައް ބުނެއެވެ.



