ހަސީނާގެ އިސްތިއުފާއަށްފަހު ބަންގްލާދޭޝްގައި ގުޅިފައިވާ ޕާޓީތަކާއެކު ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ޤަމަރުއްޒަމާން ވިދާޅުވީ، މިހާރު އޮތީ އިންތިޤާލީ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސްވެރިންނަށް މަޝްވަރާއަށް ދައުވަތު ދީފައިވާ ކަމަށެވެ
ސިފައިންގެ ވެރިޔާ ވިދާޅުވީ، "އަޅުގަނޑުމެން ދާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް. އަޅުގަނޑު އެމަނިކުފާނާ ވާހަކަ ދައްކާނަން، މި ވަގުތީ ސަރުކާރު އެކުލަވާލުމާ ބެހޭގޮތުން. ގައުމު ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ އެމަނިކުފާނާ އެކު މަޝްވަރާ ކުރުމަށް ފަހު އިންތިގާލީ ސަރުކާރެއް އުފައްދައިގެން"
އޭނާ ވިދާޅުވި ހަތިޔާރު އެޅި ސިފައިންނަށް އިތުބާރުކޮށް ހަމަނުޖެހުންތައް ހުއްޓާލުމަށެވެ. އަދި މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
" ހުރިހާ މަރާއި ހިންގި އަނިޔާވެރި އަމަލުތަކަށް ދައުވާ ކުރެވޭނެ. ކޮންމެ މަރަކަށް ދައުވާ ކުރެވޭނެ. އިންސާފު ހޯދައިދޭނެ" ސިފައިންގެ ވެރިޔާ ވިދާޅުވެއެވެ.
ޝައިހް ހަސީނާގެ އިސްތިއުފާއަށްފަހު އަދިވެސް ހަމަނުޖެހުންތައް މައިތިރި ނުވެއެވެ. މިވަގުތުވެސް ތަންތަނުގައި ހުޅުޖަހަމުން އެބަ ދެއެވެ.



