ބަންގްލަދޭޝަގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ފިއްލަވައިފިއެވެ.
މަހަކަށްވުރެ ގިނަ ދުވަސްވަންދެން ހުއްޓުމެއްނެތި ކުރަމުންދާ މުޒާހަރާ ތަކާއި ގުޅިގެން ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ފިއްލެވީ އެތައް ހާސް ރައްޔިތުންނެއް އޭނާގެ ގެކޮޅަށް ވަދެ ހަމަނުޖެހުން ހިންގައި ފުރާނައަށް ގެއްލުން ދިނުމަށް މަގުތަކަށް ނުކުމެ މިސްރާބު ޖަހާފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ހަސީނާ އިސްތިއުފާ ދެއްވުމުގެ ކުރިން ވީޑިއޯ މެސެޖެއް ރެކޯޑު ކުރެއްވުމަށްޓަކައި ރިޔާސީ ގަނޑުވަރަށް ވަޑައިގަންނަވަން މަސައްކަތްވެސް ކުރެއްވިއެވެ. ނަމަވެސް ހާލަތުގެ ގޮތުން އެފަދަ ކަމަކަށްވެސް އޭނާއަކަށް ފުރުސަތެއްލިބިވަޑައި ނުގެންނެވި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ހަސީނާ ގައުމު ދޫކޮށް ފިއްލަވާ ވަޑައިގަންނަވަނީ އިންޑިއާއަށް ކަމަށް ވެއެވެ.
ހަސީނާ އިސްތިއުފާ ދެއްވުމަށް ސިފައިންގެ ވެރިޔާ މީގެ ކުރިން ޑިމާންޑުވެސް ކުރެއވިކަމަށް މަސްދަރުތަކުން ބުނެއެވެ.



