ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ މިސަރުކާރު ޖަވާބުދާރީ ކުރަން އުނދަގޫ ކަމެއް ކަމަށް ބުނެ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރާއްޖޭގެ ޕްރައިވެޓް މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ، ނިމިދިޔަ ސުޕަރ މެޖޯރިޓީ މަޖިލީހުގަ އޮތް ސަރުކާރު ކަމަށްވާ އެމްޑީޕީގައިވެސް އުޅުއްވި ހަސަން ވިދާޅުވީ މިސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށާ ޝަރީޢަތުން މަޢުލޫމާތު ހޯދާ ހިސާބަށް ދިޔުން އެއީ ބަލައިނުގަނެވޭނެ ކަމެކެވެ. ނަމަވެސް، މިސަރުކާރުން ޖަވާބުދާރީ ނުވެގެން ޝަރީޢަތް މެދުވެރިކޮށް ހަސަން ލަތީފު ހޯދި މައުލޫމާތެއް އޮތް ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ.
އޭގެ ބަދަލުގަ ހަސަން ވިދާޅުވީ ގިނަގުނަ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނީ ގުރުބާނީ ތަކެއް ވެގެން ކަމަށާއި އަދުގެ ޒުވާނުންނަށް އެކަންތައްތައް ނޭނގުނު ނަމަވެސް ލިބިފައިވާ ހައްގުތައް ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ހަސަން އެ އިޝާރާތް ކުރެއްވީ މަލްޓިޕާޓީ ސިސްޓަމް އައުމުގެ ކުރިން ދިގު 30 އަހަރުގައި ހިފެހެއްޓި ބައެއް ހައްގުތައް ހޯދައިދިނުމަށް އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށެވެ.
ހަސަން ވިދާޅުވީ، ރާއްޖޭގެ މިވަގުތުގެ އިގްތިސާދީ ހާލަތުވެސް ރައްޔިތުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިނަމަކީ ޕީޕީއެމްގެ ވެރިކަމުގައި ރައީސްކަން ކުރެއްވި ރައީސް ޔާމީނުވެސް ހުސްވި ހަފްތާގައި ދެއްކެވި ވާހަކައެކެވެ.
ރާއްޖޭގެ އިގްތިސާދު އޮތީ ރަނގަޅަށް ކަމަށާއި އެހެންނަމަވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސަރުކާރުން އިޢުތިރާފް ވެއެވެ.
ސަރުކާރަކަށް މަޖިލިސް ލިބުމަކީ އެ ސަރުކާރެއް ޖަވާބުދާރީ ނުކުރެވޭނެ ކަމެއް ކަމަށް ހަސަން ވިދާޅުވިއިރު، މީގެ ކުރީގެ އިންތިޚާބެއްގައި (އެމްޑީޕީ ވެރިކަން ކުރިއިރު) ވިދާޅުވީ ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް ފައިދާ ވާނީ ސަރުކާރަށް މަޖިލިސް ލިބުނީމަ އެވެ.



