2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ޕީއެެންސީއަށް ކާމިޔާބު ކުރެވުނީ ވަކިމީހެއްގެ ފޮޓޯ ބޭނުންކޮށްގެން ނޫންކަން ކަށަވަރުވާކަމަށް ޖުމްހޫރީ ޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު އެމަނިކުފާނު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއިން ހޯދި ސްޕަރ މެޖޯރިޓީއަކީ އެ ޕާޓީގެ ރައީސް އޮނަރަބަލް ޑރ. މުހައްމަދު މުއިއްޒަށް ދިވެހިންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.އެޕޯސްޓްގައި އެމަނިކުފާނު ލިއުއްވާފައިވަނީ " އަޅުގަނޑު ގަބޫލު ކުރާހިތް އޮތީ، 2023 ގެ ރިޔާސީ އިންތިހާބު ވެސް އަދި އިއްޔެ އޮތް 2024 ގެ މަޖިލީސް އިންތިހާބު ވެސް ޕީއެންސީއަށް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ހުތޫރަތްތެރި ހާލަތެއްގައި، ނުހަނު އިހްލާސްތެރި ކަމާއެކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތް ޕުޅުތަކުގެ ނަތީޖާ ކަން. އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް މުއިއްޒަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން ވަނީ އެނގިކަށަވަރުވެފައި." ކަމަށެވެ.އިންތިޚާބުގެ ކާމިޔާބީއާއި ގުޅިގެން ޤާސިމަށް ތާއީދު ކޮށްދެއްވީތީ، ރައީސް ޑރ. މުޢިއްޒު އަށް ޝުކުރު އަރިސްކުރައްވަމުން، ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ އިންތިހާބުން ޕީއެންސީ ބޮޑު ކާމިޔާބީއެއް ހޯއްދެއްވިއިރު އެ އިންތިހާބުގެ އެއްވެސް ޖަލްސާއެއްގައި ހުސްގޮނޑިއެއް ވެސް ނުވަތަ ވަކި ބޭފުޅެއްގެ ފޮޓޯ އެއްވެސް ބަހައްޓާފައިވަނިކޮށް ނުފެންނަ ކަމަށާއި އެއާއި އިދިކޮޅަށް ފެނިގެންދިޔައީ ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރައްވަމުންދިޔަދަތިތަކެވެ. އަދި އެކަމާގުޅޭގޮތުން ރައްޔިތުންގެ ކިބައިން ފެނިގެން ދިޔައީ އެފަދަ ހަޑިހުތުރު އަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަކަމެވެ.