ރާއްޖެއަށް މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފިކަމުގައި ވިޔަސް އެ އަދަދަށްވުރެ އިތުރަށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބަރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ
ދިވެހިރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު %15ގެ ކުރިއެރުމެއް ފާހަގަކޮށްލެވެއެވެ. މިދިޔަ މަހު ޖުމްލަ 167،528 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ކުރީ އަހަރުގެ ޖުލައި މަހު 145،620 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރަނގަޅު ޓްރެންޑެއް ދައްކުވައިދޭ ކަމެއް ކަމަށާއި އެއީ ބޮޑެތި ސޯސް މާކެޓްތަކުން ޝައުގުވެރިކަން އިތުރުވުމުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
ފަތުރުވެރިން ޒިޔާރަތްކުރި ގޮތަށް ބަލާއިރު ޗައިނާއިން ކުރީގައި އޮތީ 159،064 ފަތުރުވެރިންނާއެކުއެވެ. ރަޝިޔާއިން 126،289 ފަތުރުވެރިން އައިއިރު އިނގިރޭސިވިލާތުން އައީ 104،712 ފަތުރުވެރިންނެވެ. އިޓަލީ އާއި ޖަރުމަނުން ވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، 86،897 އަދި 86،715 ފަތުރުވެރިން އައިސްފައިވެ އެވެ.
ފަތުރުވެރިން އަންނަ މިންވަރު މައްޗަށް ދާ މި ޓްރެންޑަކީ ދަތުރު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޝައުގުވެރިކަން އިތުރުވަމުންދާކަން ފާހަގަކޮށް، ފަތުރުވެރިކަމުގެ ސިނާއަތަށް ހިތްވަރު ލިބޭ ކަމެކެވެ. މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ޖުމްލަ 1.18 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ މިދާއިރާއިން ލިބުނު ވަރުގަދަ ކުރިއެރުމެކެވެ.
މިނިސްޓްރީގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ކަމުގަިއ ވިޔަސް މި އަދަދަށްވުރެ މާގިނައިން ފަތުރުވެރިން ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްތަރު ފައިސަލް ވިދާޅުވިއެވެ.



