ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ސަރުކާރުން ރާއްޖެ ގެންނަ 4000 މެޓްރިކް ޓަނުގެ ބޮޑު ދެ އުޅަނދު ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ ލަފާފުޅާއި އިރުޝާދުގެ ދަށުން އެސްޓީއޯގެ އިސްނެގުމާއެކު ރާއްޖެ ސަރަހައްދުން ދަތުރުކުރާ 300 އަށްވުރެ ގިނަ ބޭރުގެ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދީގެން ރާއްޖޭގެ އިގްތިސާދަށް ފައިސާ ވެއްދުމަށްޓަކައި ހިންގާ މި ބިޔަ މަޝްރޫއުގެ ތެރެއިން ، އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ސޮއިކުރީ މިއަހަރުގެ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.
ބަންކަރިންގެ ހިދުމަތް ދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. މި ޚިދުމަތް ދިނުމަށް ފިޒިކަލް އިންފްރާސްޓަރަކްޗަރ ބޭނުންނުވާކަމަށް ވަޒީރު ސައީދު މީގެ ކުރިން ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވާތީއެވެ. ފުރަތަމަ ފިޔަވަހީގައި ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އަތޮޅުތަކަށް މަޑުކޮށްގެންނެވެ.
ދެވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ޕޯޓު ތަރައްގީކުރާނީ ބޭނުންވާނެ އެހެން ހުރިހާ ހިދުމަތްތަކާއި އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނގަޅު ބަޔަކާއެކު ޕާޓްނާ ވެވިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ ބަންކަރިންއަށް ރަނގަޅު މާކެޓްތަކެއް ލިބޭނެ ކަމަށް. މީކީ މިފަދަ އެހެން ގައުމުތަކާ ވާދަ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ އިގްތިޞާދަށްޓަކާ ކުރާ ކަމެއް،" މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި މި ސަރުކާރުން ގާއިމްކުރާ، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީގެ މަސައްކަތާއި ތަފްސީލު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ބަންކަރިން ޚިދުމަތް ފެށޭނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.



