ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، ގަވާއިދާ ހިލާފަށް އުޅޭ 50،000 ބިދޭސީން ޑީޕޯޓުކޮށްލުމަށް އަމާޒު ހިފާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ..
"އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް ފަސް އަހަރަށް ބަލާފައި، ދެން އަޅުގަނޑުމެން ފަސް އަހަރު މި ކިޔަނީ މި ގަަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމުގެ މައްސަލާގައި، އެހެންމަ އަޅުގަނޑުމެންގެ ޓާގެޓަކީ ކްލޯސް ޓު ފިފްޓީ ތައުޒަންޑް ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭރުކުރުމުގައި. އެ އަދަދު ރީޗްވުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި"
ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވީ ދިވެހިންގެ ނިވަލުގަައި ތިބެ ބަރާބަރަށް ވިސާ ފީ ދައްކަމުން ވެސް ގަވާއިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާ އެފަދަ މީހުންވެސް ރާއްޖެއިން ފޮނުވާލާނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތްތަކާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވަމުން ޝަމްއާން ވިދާޅުވީ، އިމިގްރޭޝަނުގެ ވަސީލަތްތައް ތަނަވަސް ނަމަ މިހާރަށްވުރެ ރަނގަޅަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިހާރު އޮތް ހާލަތުންވެސް މިއަހަރަކީ ރެކޯޑު އަދަދަކަށް ބިދޭސީން ބޭރުކުރެވިފައިވާ އަހަރެއްކަމަށް ޝަމްއާން ވިދާޅުވި އެވެ.



