ކެއުމާއި ބުއިމާ ނުލައި އެއްވެސް މަޚްލޫޤަކަށް ދުނިޔޭގައި ހުރުމަކީ ނުވާނެކަމެކެވެ. އެހެންކަމުން ކާބޯތަކެތިގެ ރައްކާތެރިކަން ކެއުމުގެ ކުރިންނާއި ވިއްކުމުގެ ކުރިން ކަށަވަރުކުރުމަކީ މުހިންމު އަދި އިސްކަންދޭންޖެހޭނެކަމެކެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންނާއި ބޭނުންކުރުމުގެ ކުރިން ފުރަތަމަ ކަމަކަށް ރައްކާތެރިކަމަށް ފަރުވާތެރިވާންޖެހެއެވެ. އޭރުން ހިތާމައެއް ދިމާވުމަށްވުރެ ނުވުން ގާތްކަން ބޮޑެވެ. އަދި ކަމެއް ދިމާ ވިޔަސް ތިމާގެ ޒިންމާ ފުރިހަމަކުރިކަމުގެ ހިތްހަމަޖެހުން އޮންނާނެއެވެ. މީހަކު ތިމާއަށް ބަރުބަހެއް ބުނުމުގެ ފުރުޞަތު ކުޑަވާނެއެވެ. ގެއްލުމުގެ މިންވަރު ކުޑަކޮށްދޭނެކަމަކަށް ވާނެއެވެ. ރާއްޖޭގައި ޢާއްމު ޞާފްތާހިރުކަމުގެ މިންގަނޑު ސަރުކާރުގެ ފަރާތުން ބަލަހައްޓަނީ ޕަބްލިކް ހެލްތުންނެވެ.
އެގޮތުން މީގެ 30 އަހަރު ކުރިން ފެށިގެން ދާދިފަހަކާއި ޖެހެންދެން ހޮޓާތަކުގެ ޞާފްތާހިރުކަމާއި ކޯބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނާއި ގޭބީސީތަކާއި ގިފިލިތަކާއި ވަޅުފަދަ ތަންތަނާއި މިނޫނަސް ޞާފުތާހިރުކަން ކުޑަ ތަންތަން ޕަބްލިކް ހެލްތުގެ ކޮމިޔުނިޓީ ހެލްތު ވޯކަރުން އެފަދަ ތަންތަނަށް ޒިޔާރަތްކޮށް ޗެކްކުރަމުން ގެންދިޔަައެވެ. ކުރީގެރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކާއި ހެލްތު ސެންޓަރުތައް ހިންގެވުމަށް ތިއްބަވަނީ ، ހެލްތު ވޯކަރުންކަމަށްވާތީ ، ޑޮކްޓަރު ނެތްހާލަތެއްގައި ކުދި އަސާސީ ބަލިތަކަށް ފަރުވާ ދެއްވަނީ ހެލްތު ވޯކަރުންނެވެ. ޞާފުތާހިރުކަމުގެ މިންގަނޑަށް ޢަމަލުކުރޭތޯ ބައްލަވާނީ ވެސް ހެލްތް ވޯކަރެވެ.
ނަމަވެސް ހޮސްޕިޓާ ތަކާއި ސިއްޙީ މަރުކަޒުތަކާއި ހެލްތް ސެންޓަރުތައް ހިންގެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެފަންނުގެ ޢިލްމު ނެތް ޢިލްމީގޮތުން އެއްވެސް ޝަރުތެއް ނެތް ފަރާތްތަކަށް ހޮސްޕިޓާތަކާއި ޞިއްޙީ މަރުކަޒުތަކާއި ހެލްތު ސެންޓަރުތަކުގެ ހިންގުން ޙަވާލުކުރަން ފެށި ހިސާބުން ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ދުވެލި ލަސްވެ އެތަކެއް މައްސަލަތަކެއް ފާހަގަކުރެވިފައި ވާކަމަށްވެއެވެ.
އެހެންނަމަވެސް ސިޔާސީ އެކްޓިވިސްޓުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބޭނުމުގައި ކުރީގެ ރައީސް ނަޝީދު ގެންނެވި އެބަދަލު އެމް.ޑީ.ޕީ ގެ ވެރިކަމަށް ފަހު ޖެހިގެން އައި ސަރުކާރުކާރުތަކުން ވެސް ދަމަހައްޓަމުން އަންނަކަން ފާހަގަކުރެވެއެވެ. އެއީ ރަނގަޅު ގޮތެއްކަމަކަށް ނުފެނެއެވެ. ސިއްޙީ ދާއިރާ އާއި ތަޢްލީމީ ދާއިރާ އާއި ޓެކްނިކަލް އަދި ސައިންސާއި ބެހޭ ދާއިރާތައް ހިންގުމަށް އެދާއިރާ އިން ޢިލްމު އުގެނިފައި ތިއްބަވާ ފަރާތްތައް ތިއްބެވުމަކީ ޚިދުމަތުގެ ފެންވަރު ހަރުދަނާވުމުގެ އިތުރުން ދެވޭ ޚިދުމަތާއި މެދު އިތުބާރު ބޮޑުވާނެކަމެކެވެ.
ހަމައެކަނި އިތުބާރެއް ނޫނެވެ. ގެއްލުމާއި އިސްރާފު ވެސް ކުޑަކުރެވި ދައުލަތަށް ފައިދާ ބޮޑު ނަތީޖާ ނެރެވޭނެ ކަމެކެވެ. ވިޔަފާރިއަށް ކާބޯތަކެތި ހަދާ ބައެއް ތަންތަނާއި އެތަންތަނުން ހަދާފައި ހުންނަ ބައެއް ތަކެތީ ގެ ކޮލިޓީ އާއި އެތަކެތީގެ ތާޒާކަން ކުޑައެވެ. އަދި އެކަންކަން ރެގިޔުލޭޓްކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަމާބެހޭ ފަރާތްތަކަށް ނުބެލެހެއްޓޭކަން ފާހަގަކުރެވެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރެއެވެ. ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތައް މަދެވެ.
މާލޭ ސިޓީކައުންސިލުން ވިދާޅުވީ މި ތަންތަނާމެދު އެޗްޕީއޭ އިން ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ ކުރިންވެސް ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކުޑަވުމުގެ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. ގިނަ ފަހަރު މިފަދަ ކަންކަން ފާހަގަވަނީ ބިދޭސީންނާއެކު ހިންގާ ކުދި ކެފޭތަކުންނެވެ.
ބައެއް ފިހާރަތަކުގައި މުއްދަތު ހަމަވެފައި ހުންނަ ތަކެތި ވިއްކަން ހުރުމާއި މުއްދަތު ހަމަ ނުވިނަމަވެސް ހަލާކުވެފައިވާ ބޭނުންކުރުމަށް ރަނގަޅު ނޫން ފެންވަރަށް ތާޒާކަން ކުޑަވެފައިވާ ތަކެތި ވެސް ހަރުގަނޑުތަކުންނާއި ޓުކުރީތަކުން ފެންނަލެއް ތަންކޮޅެއް ގިނަކަން ފާހަގަކުރެވިފައިވާތީ މިގޮތަށް އެތައް ދިމާލަކުން ރަނގަޅުކުރަން ހުރި ކިތަންމެކަމެއް އެއްފަހަރާ ރީލޯޑު ކުރާ އުޞޫލުން އިޞްލާޙު ނުކުރެވުނު ނަމަވެސް ސްޕީޑު ބާރުކޮށްލަން އެބަ ޖެހެއެވެ.



