ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެންނާނެކަމަށް ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިފަހަރުގެ ހަރަކާތަށް ސިފައިން ވަރަށް ދުރާލާ ތައްޔާޜުވި ކަމަށާ، ހިނގާލުމުން ދައްކުވައިދެނީ ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ހިމާޔަތް ކުރުމަށް ދޭ އިސްކަންކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހިނގާލުމުން ދައްކުވައިދެނީ އެކަމަށްޓަކައި ތަމްރީނު ކުރެވި ތަރުތީބު ކުރެވި، އެކަތިގަނޑެއްގައި ތިބި ލަޝްކަރެއް އޮތްކަން" ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ސިފަިއންގެ ޤާބިލުކަން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ވިދާޅުވިޔަސް އެކަމާބެހޭ ތަފްސީލްތަކެއް ގައްސާން މައުމޫން ނުދެއްވައެވެ.
ސިފައިންގެ ކޮންމެ ބޭކަލަކުވެސް އެމީހެއްގެ އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ދިވެހި އަސްކަރިއްޔާއަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ބޮޑެތި ކުރިއެރުންތަކެއް މިހާރުވެސް ލިބެމުންދާކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި އެއަރ ކޯއެއް އުފައްދާފައި ވެއެވެ އަދި ފުރަތަމަ ފަހަރަށް ރާއްޖެއަށް އަސްކަރީ ޑުރޯންތައް ގެނެސް ޚިދުމަތަށް ނެރެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށްވެސް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



