މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ބިދޭސީންގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެކަމުގައި ޝާމިލްވާ 6 ބިދޭސީން ޑީޕޯޓްކޮށްލަން އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މާރާމާރީ ހިންގި ހަ ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އެ ހަ މީހުންގެ ފޮޓޯއާއި އުމުރު ފިޔަވައި އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ 26، 27، 38، 40 އަދި 29 އަހަރުގެ ދެ މީހުންނެވެ.
ބުދަ ދުވަހުގެ ރޭ މާލޭގެ މަގުމަތީގައި ލަޓިބުރިތަކެއް ހިފައިގެން ބިދޭސީންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެ އެވެ.
އެމީހުން މާލޭގައި ހިންގި މާރާމާރީގައި ގާނޫނުގައި ހަތިޔާރު ކަމަށް ބަލާ ތަކެތި ބޭނުންކޮށްފައި ވެއެވެ.
ސަރުކާރުން ދަނީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންކަން ފާހަގަ ކުރެވެއެވެ.



