ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) މި އަހަރުގެ ސެޕްޓެމްބަރު މަހު ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން އިއުލާންކޮށްފި އެވެ.
ރާއްޖެއާއި ޗައިނާއިން ސޮއިކުރި މި އެއްބަސްވުމަށް 2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުނު ނަމަވެސް އޭގެ ފަހުން ސަރުކާރަށް އައި ބަދަލެއްގެ ސަބަބުން ލަސްތަކެއް ކުރިމަތިވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ ރާއްޖޭގެ އެކުވެރި ޤައުމުތަކާއެކު މިހާރު ކުރަމުންދާ މަސައްކަތްތަކުން ވަކިވަކި ވިޔަފާރިތަކަށް ލިބޭނެ އެތައް ފައިދާތަކެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ކަށަވަރުކޮށްދެއްވި ގޮތުގައި ޗައިނާއާއެކު ވެފައިވާ އެފްޓީއޭ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަމަލުކުރަން ފަށާނެ ކަމަށެވެ. "އޭގެ ނަތީޖާއަކަށް ވަނީ މަސްވެރިކަމުގައި 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދިޔުން. އަދި ވެލިއު އެޑެޑް އެކިއެކި ބާވަތްތައް، ޖުމްލަ 7897 އައިޓަމެއް، 9 ސެކްޓަރއަކުން އެބަ ޑިއުޓީ ފްރީވެގެންދޭ. ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއަށް މި ތަކެތި ވިޔަފާރި ކުރުމަށްޓަކައި. މިއީ ފަރުދީ ލެވެލްއެއްގައި ކުންފުނިތަކަށް ލިބޭ ވަރަށްބޮޑު ފުރުޞަތެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


